"މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން ވޮލިއުމް 11" ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގައި މިއަދު އާންމުކޮށްފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނީ މިއީ ދިވެހި ރާއްޖޭގައި ކުރެވޭ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު އެކުލަވާލައިގެން އެ ވުޒާރާއިން ކޮންމެ އަހަރަކު އާއްމު ކުރާ ބުލެޓިންއެއް ކަމަށެވެ. "މޯލްޑިވްސް ހެލްތް ރިސާރޗް ބުލެޓިން" ޝާއިރުކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި ބުލެޓިންގައި ޞިއްޙީ ދިރާސާތަކުގެ 12 އެބްސްޓްރެކްޓް ހިމެނޭ ކަމަށާއި މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްހަތާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާންމު ސިއްޙަތާއި ގުޅުންހުރި ދިރާސާތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ބަލި މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ ސާރޖިކަލް ޕްރޮސީޖަރތަކާއި ބޭނުންކުރާ ބޭހާއި ގުޅުންހުރި ދިރާސާތައްވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލާއި ސިއްޙީ ދިރާސާއަށް ހުއްދަދެވޭ ގޮތުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތަކާއި ކައުންސިލް އިން ހުއްދަ ދީފައިވާ ދިރާސާތަކުގެ ލިސްޓެއްވެސް މި ބުލެޓިންގައި ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްޙީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.