ބޭންކް ފައިނޭންސް އުޞޫލުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އިސްލާމީކަންތައްތަކާ އައުޤާފާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިންނާ އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާގައި ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ބޭންކް ފައިނޭންސިންގ އުޞޫލުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާ މަޝްވަރާކޮށްގެން ލުއިފަސޭހަ ގޮތްތަކެއް ހޯދުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، މަޝްރޫޢުތައް ކަނޑައެޅިފައިވާ ވަޤުތަށް ފެށުމަށް ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން މި މަޝްވަރާތަކަކީ، ދިވެހިރާއްޖޭގައި އިސްލާމީ ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށާއި، ޚާއްޞަކޮށް މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ވަޤުފް ޤާއިމުކުރުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބޭހޭ ވުޒާރާއިން ކުރައްވަމުންދާ ގެންދަވާ އެކި މަސައްކަތްތަތުގެ ތެރެއިން ކުރެވުނު މަޝްވަރާތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ފައިދާކުރަނިވި ދީނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަރުވައި، އެ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ތަންފީޒުކުރުމަށްޓަކައި ކަމާގުޅޭ މާލީ އިދާރާތަކާއި، ކޮންޓްރެކްޓަރުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިސްލާމީކަންތައްތަކާ އައުޤާފާ ބޭހޭ ވުޒާރާއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.