ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެއެވެ. މިގޮތުން މި ފުރުޞަތުގައި ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެ ކަމަށެވެ. މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށް ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ. މީގެއިތުރުން މިދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގައި ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގުފަހިވެގެންދާނެ ކަމަށާއި 2018ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 7 ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އިން ބުނީ އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށެވެ.