ކާބޯތަކެތީގައި ހިމަނާ މަޢުލޫމާތަކީ ތެދު މަޢުލޫމާތަށް ވާންޖެހޭނެކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހަނދާންކޮށްދީފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ ޞިއްޙީ އެތައް މަންފާތަކެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ކާބޯތަކެތި އިޝްތިހާރުކުރުމުގައި، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ، (ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމުގައި އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

މީގެއިތުރުން، އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްޞަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް މާކެޓުކުރާ އުފެއްދުންތަކާ ގުޅިގެން، އެ އޮތޯރިޓީން ޢާންމުކޮށްފައިވާ ނޫސްބަޔާނުގައި ވެސް ވާނީ އިރުޝާދު ދީފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިގޮތުން، ކާބޯތަކެތީގެ އެއްވެސް ބާވަތަކުން ޞިއްޙަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ، 'ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު' ގެ 7 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެއް ކަމުގައި ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ބުނީ ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ، އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ޞިއްޙީ މަޢުލޫމާތަކީ ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަށް ވާންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ޞިއްޙީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. އެހެންކަމުން، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް ޢާންމު ރައްޔިތުންނަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަވެ.