ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، އަންނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމަކީ ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބަޔަކު ތިބުމާއި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހުމުގެ ސަބަބުން ޙައްޖުވުމުގެ ފުރުޞަތު ނުލިބިދާނެކަމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދައިދީ، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ރައްޔިތުންނަށް ފަރުޟު ޙައްޖު އަދާކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި އުމުރަށާއި ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި މައުޟޫޢީ ގޮތެއްގައި ތަންފީޒުކުރާނެ އުޞޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ބަލާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރޭ މީހުންނަށެވެ. އެގޮތުން މި އުޞޫލުގެ ދަށުން 70 އަހަރުން މަތީގެ ޖުމްލަ 324 މީހަކަށް އަންނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 75 އަހަރުން މަތީގެ 86 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އުޞޫލުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރާ ފަރާތްތަކަށް ވާންޖެހޭނެ އެވެ.
ހަައްޖު ކޯޕަރޭޝަނުން ބުނީ މި ބަދަލާއެކުވެސް، އަންނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ފުރުޞަތު ލަސްވުމެއް ނާންނާނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އަދި އެ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކުރެވޭ ޢާއިލާގެ މެންބަރުންގެ ތެރެއިން އެކަކަށް ފުރުޞަތު ނުގެއްލޭނެހެން އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި، މި އުޞޫލުގެ ސަބަބުން ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ކިއުގައި ތިބި ދޮށީ ޢުމުރުގެ މީހުންގެ ޢަދަދު މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެ، ހުރިހާ ޢުމުރުފުރައަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.