ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން މިހާރު ވަނީ ތަމްރީނަށް ފުރާފައެވެ. މި ބެޗުގައި 84 ދަރިވަރުން ހިމެނެއެވެ.

ބ.ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.

މި ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، 2026 ސެޕްޓެމްބަރ 19 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މި ބެޗުގައި ފުރުސަތުދެވުނު ދަރިވަރުންނެވެ.