ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ ފޯރަމް" ގައި ގއ. ވިލިގީއްޔާ ގުޅިފައިވާ ހިއްގައިމު ފަޅުގާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކާއި 14 ރިސޯޓު ތަރައްގީކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައި ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވާކަން ފާހަގަކޮށް މީހަކު ވަނީ، އެކަމުގެ އަމަލީ މަސަކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެތޯ ވަޒީރާ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އާ ކޮންޓްރެކްޓަކާ އެކީ ސޮއިކޮށް، އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ."

ވަޒީރު މުޙައްމަދު އަމީން

މީގެކުރިން އެ މަޝްހޫރު ހިންގުމަށް ފެބްރުވަރީ 22، 2024ގައި 750 މިލިއަން ޑޮލަރަށް ހަވާލުކުރީ، ބެލްޖިއަން، ފެރްންޗު ކުންފުންޏެއްކަމަށްވާ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާއެވެ. މި ކުންފުންޏަކީ ޔޫއޭއީ، ދުބާއީގައި ބުރުޖު ޚަލީފާ ވެސް އިމާރާތްކުރުމުގައި ބައިވެރިވެ، މެއިންޓެނެންސް މަސައްކަތުގައި އުޅުނު ކުންފުންޏެވެ.

ސަރުކާރުން އޭރު ބުނި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ނިންމައިފައިވެއެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5،000 އެނދު އުފައްދައި 17 ރިސޯޓެއް ތަރައްގީކުރާނެ ކަމަށްވެސް ސަރުކާރުން އޭރު ބުނެފައިވެއެވެ.