ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ގަރާރުގައި ކުޑޫ ވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާން ކޮށްފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

އެހެންކަމުން ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުކަމުގެ މަގާމުގައި ހުރި މީހަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްތުން ފާސްވުމުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދެއްވި ލަފައާ ގުޅިގެން 2025 ވަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު ގައި އެ ދެބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ ކަމަށް ވެސް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

ކުޑޫ ވިދާޅުވީ، އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލި އިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްފެ އޮފީހުން ނިންމެވުމާއި ގުޅިގެން، މި މައްސަލަ މިހާރު ފުލުހުންގެ ހިދުމަތުން ފައިލްކޮށްފައިވާ ކަމަށް ވެސް ކުޑޫ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޑޫ ވަނީ، ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަން ފާހަގަކުރައްވައި، އެކަމުގެ ޒިންމާ އެ ކޮމިޝަނުން އުފުލައި، އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.