ދިވެހި ބަހާ ބެހޭ ގަވައިދުފޮތެއް މި ނޮވެމްބަރު މަހު ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި، މިހާރުގެ އާބާދީގެ ބޮޑު ބަޔަކަށް ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ ކަން ފާހަގަކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، ޒުވާނުންނާއި ކުޑަކުދިންނަށް ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭންގުން ނުވަތަ ދަތިވުމާއި، ދިވެހި ބަސް ނެތިދިއުމުގެ ބިރު އުފެދިފައިވުމަކީ ގައުމެއްގެ ފެންވަރުގައި ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަންތައްތައް ކަމަށެވެ.

ހީނާ ވިދާޅުވީ، ދިވެހިބަސް ދިރުވާ އާލާކުރުމާއި، ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ އަކީ އެކަމުގެ އެންމެ ބޮޑު ޒިންމާ މަތިކޮށްފައިވާ އިދަރާ ކަން ފާހަގަކުރައްވާ ވަޒީރު ހީނާ ވަނީ، އެ އިދާރާއިން ކޮންމެ އަހަރަކު ކުރަމުންދާ އަދި ކުރިއަށް ހުރި މަސައްކަތްތަކަށް އަލި އަޅުވާލައްވާފައެވެ.

އެގޮތުން މުބާރާތްތައް ހިންގުން، ވާހަކަދެއްކުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތާއި، ކުރު ވާހަކަ ލިޔުމާއި، މަޒުމޫން ލިޔުމުގެ މުބާރާތްތައް އަދި އަތު ލިޔުމުގެ މުބާރާތްވެސް މިފަހަރު ކުރިއަށް ދިޔަ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ގައުމީ ލެވެލްއެއްގައި އަތުލިޔުމުގެ މުބާރަތް ބޭއްވުމަށް ނިންމަވާފައިވާތީ، 200 އެއްހާ މެމްބަރުންނާ އެކީގައި އަތުލިޔުމުގެ މުބާރާތްތވެސް ނިމިފައި މިވަނީ"

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ވަޒީރު ހީނާ ވަނީ، ދިވެހި ބަހުގެ އެކަޑެމީގެ ހަރަކާތްތަކުގެ އިތުރުން ޔުނިވާސީޓީތަކާއި ކައުންސިލްތަކާއި ބައެއް ކޮލެޖުތަކުން ކުރިއަށްގެންދާ ތަފާތު މުބާރަތްތަކާއި ބަހާ އަދަބިއްޔަތާއި ގުޅުންހުރި ކަންތައްތަކަށް، ވުޒާރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަޒީރު ހީނާ ވިދާޅުވީ، މިހާރުވެސް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއާ ގުޅިފައިވާ ސްކޫލްތަކާއި، މުއައްސަސާތަކަށް ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީގެ އެސްޔޫ އިން އިސްނަގައިގެން ބާއްވާ ވާހަކަދެއްކުމާއި ބަހުސް މުބާރާތަށްވެސް ވުޒާރާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކާއި، ދިވެހިން ދިރިއުޅޭ ބައެއް ގައުމުތަކުގައި ކުރިއަށްގެންދާ ބައެއް ހަރަކާތްތަކަށްވެސް އެހީފޯރުކޮށްދީފައިވާނެ ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. އެގޮތުން ދިވެހި ބަހާ ގުޅުންހުރި އަދި ފަންނު ދާއިރާގެ ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ، ދިވެހި ބަހާ ބެހޭ ގަވައިދުފޮތެއް މި ނޮވެމްބަރު މަހު ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު ބަހުގެ ގަވައިދު ފޮތުގެ މަސައްކަތް ކުރަމުންދާތާ ގާތް ގަނޑަކަށް 10 ވަރަކަށް އަހަރު ވެއްޖެ. އެހެންނަމަވެސް މި ފޮތުގެ މަސައްކަތް ނިންމާ، މި އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ނެރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. ހަމަމިއާއެކު ރަދީފު އެޕްގެ އައު އިސްތާރެއް މިދިޔަ މަހު ދިވެހި ބަހުގެ އެކަޑެމީން ވާނީ ނެރެފަ"

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

މީގެ އިތުރުން ދިވެހި ބަހާއި، ތާރީހާއި، ބަސް އުފެދިގެން އައި ގޮތާއި، ދިވެހި ބަހުގެ ކެލެގްރަފީ ފަދަ ކަންތައްތަކަށް ސަމާލުކަން ދީގެން އަންނަ އަހަރު މައުރަށުތައް ބޭއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.