ފެހި ގާނޫނުއަސާސީގެ ދަށުން ދިވެރާއްޖޭގެ ރައްޔިތަކަށް ވެވެނީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ކަމަށާއި، ޔަހޫދީއަކަށް ނުވަތަ ކްރިސްޓިއަން ދީނުގެ މީހަކަށް ރަށްވެހިކަން ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ސައުދުﷲ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ކެރިވަޑައިގަތީ މިހާރުގެ ރައީސަށް ކަން ވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކަށް އިސްރާއީލް ޕާސްޕޯޓުގައި ނާދެވޭނެ. އިސްރާއީލް ޕާސްޕޯޓުގައި މީހުން މި ރާއްޖެއަށް އައުން މަނާކުރަން ކެރުނީ މިހާރު މި ހުންނެވި އިއްޒަތްތެރި ރައީސްއަށް. އެހެންވީމާ، އެކަމާ ދޭތެރޭގައި އެ މަނިކުފާނާއި އިސްރާއީލާއި ޔަހޫދީންނާ ގުޅުވައިގެން މި ދައްކާ ވާހަކައަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން. ހަމަ ސީދާ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގުހަދަމުންދަނީ. މި ރާއްޖޭގައި މިވަގުތު ހުންނެވި ރައީސަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅު މި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް."

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅިގެން ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ހިމެނޭހެން ސިޔާސީ އެކި ލީޑަރުންނާއި، އާންމު ރައްޔިތުންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.