ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ބަޔަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް(ވީ.އައި.އޭ) ނޮމިނޭޓް ވެއްޖެއެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ގޮތުގައި، ވީ.އައި.އޭ އިން ނޮމިނޭޓް ވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026" އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިންނެވެ.

އެމްއޭސީއެލް އިން ބުނީ، ކެޓަގަރީތަކަށް ވީ.އައި.އޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ ކާމިޔާބީ ވީ.އައި.އޭއިން ހާސިލްކޮށްފައިވާތީ ކަމަށެވެ.

މި ނޮމިނޭޝަންތަކާއެކު، "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ފަދަ ޝަރަފުވެރި އަދި ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ އިތުރުން، މި ކެޓަގަރީއިން ޖުމްލަ 2 އެއަރޕޯޓެއް ވާދަކުރާނެއެވެ. އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓް ހިމެނެއެވެ.

އެމްއޭސީއެލް އިން ވަނީ، ރާއްޖޭގެ ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ، މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަށް އެދިފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.