ރާއްޖޭގައި އެންމެ ބޮޑަށް އެ ގާނޫނަކާ އެއްގޮތަށް އަމަލުނުކުރެވޭ ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވަނީ އީގަލް ހިލްސް މަޝްރޫއަށް އަލިއަޅުވާލައްވަފައެވެ.
އެގޮތުން ޒިޔާދު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ، އެންމެ ހިނގާ ގައުމު ކަމަށެވެ. އަދި އެ ދާއިރާގައި ގިނަ އަދަދަކަށް ފޮރިން އިންވެސްޓަރުން އެބަތިބި ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، 30 ނުވަތަ 40 ޑޮލަރު ދީފައި އެއްރޭ ނިދާލެވޭނެ ވަރުގެ އެނދުވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ދިވެހިންނަށް ލިބިފައި ހުރި ފުރުސަތުތައް ލިބިފައިވަނީ ދިވެހި އިންވެސްޓަރުންގެ ފަރާތުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނަކުން ދިވެހިންނަށް ވަކި އަދަދަކަށް ވަޒީފަ ދޭން ލާޒިމު ކޮށްފައިވީ ނަމަވެސް، އެކަން ތަފީޒު ކުރެވޭތޯ ޒިޔަދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޒިޔާދު ވިދާޅުވީ އެއީ ފަހަރެއްގައިވެސް އިންވެސްޓަރުންނާއި ދެކޮޅުވުމަށް ދެއްކެވި ވާހަކައެއް ނޫންކަމަށެވެ. އަދި ރިސޯޓުތަކުންވެސް އިންވެސްޓު ކުރާކަން ފާހަގަކުރައްވާ ޒިޔާދު ވަނީ، ހާއްސަކޮށް ބޭރު މީހުންގެ ރިސޯޓުތަކުގައި ދިވެހިން ތިބީ ކޮން އަދަދަކަށްތޯ ސުވާލުއުފައްދަވާފައެވެ.