މޯލްޑިވްސް ޕޯސްޓްއިން ހިންގާ އީޓުކުރި އިންޓަރނޭޝަނަލް އިން ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

ޕޯސްޓް އޮފީހުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން، ސެޕްޓެންބަރު 21 އިން އޮކްޓޯބަރ 21 އާ ދެމެދު ކުރާ ވިޔަފާރިތަކުގެ "ވެއިޓް ޗާރޖް" އިން 20 އިންސައްތައިގެ ޑިސްކައުންޓެއް “ETUKURI20” ޕްރޮމޯޝަން ކޯޑް ބޭނުންކުރުމުން ލިބޭނެ ކަމަށެވެ.

އީޓުކުރި އިންޓަރނޭޝަނަލް އަކީ ދިވެހިންނަށް ފަސޭހަ ކަމާއި އެކު ޔޫ.އެސް.އޭ ގެ އޮންލައިން ފިހާރަ ތަކުން ގަންނަ ތަކެތި ރާއްޖެއަށް ހެޔޮ އަގެއްގައި ޝިޕް ކޮށްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަށް ހިލޭކޮށް ރަޖިސްޓަރ ކުރެވޭ އިރު، ރަޖިސްޓަރ ކޮށްލުމުން ޔޫ.އެސް.އޭ ގެ ވާރޓުއަލް އެޑްރެސްއެއް ލިބޭނެ ކަމަށް ޕޯސްޓު އޮފީހުން ބުނެއެވެ.

ޕޯސްޓު އޮފީހުން ބުނީ، މި ޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖޭގައި ތިބެގެން ޔޫ.އެސް.އޭ ގެ އޮންލައިން ފިހާރަތަކުން ވިޔަފާރިކުރުމުން އީޓުކުރި އިންޓަރނޭޝަނަލް އިން ގެއަށް ޑެލިވެރީ ކޮށްދޭނެ ކަމަށެވެ.

މި ޕްރޮމޯޝަނަކީ ޔޫ.އެސް.އޭ އިން މުދާ ގެނެސް ވިޔަފާރިކުރާ ފަރާތްތަކާއި އަދި އަމިއްލަ ބޭނުމަށް ޔޫ.އެސް.އޭ އިން އޮތެންޓިކް ތަކެތި ބައްލަވައި ގަތުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އޮންލައިން ވިޔަފާރިކުރަން ޖެހިލުންވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަނަކީ ފަށައިގަތުމަށް އެކަށީގެންވާ ފުރުސަތެއް ކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން އީޓުކުރި އިންޓަރނޭޝަނަލް އަކީ މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ ހިދުމަތަކަށް ވުމާއެކު، ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.