މިދިޔަ ސެޕްޓެންބަރު މަހު މީރާއަށް 2.69 ބިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

މީރާއިން ފާހަގަކުރި ގޮތުގައި މި އަދަދަކީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.7 އިންސައްތަ އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ 10.7 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ސެޕްޓެންބަރު މަހަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ. ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %17.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ސެޕްޓެންބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ %10.7 ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމުދާއިރާގެ ޖީއެސްޓީ ދަށްވުމެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ސެޕްޓެންބަރު 2026 ގައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެއެވެ.

ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. މިދިޔަ ސެޕްޓެންބަރު ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 46.8 އިންސައްތަ ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލިންނެވެ. އެއީ 15.8 އިންސައްތަ ނުވަތަ 424 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 213 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 202 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިޔަން ރުފިޔާ އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 173 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ ސެޕްޓެންބަރު ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިއަން ޑޮލަރުވެސް ހިމެނެއެވެ.