ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދުދެއްވާ، ވެރިކަމުގެ ދަހިވެތިކަމުގައި ޔާމީން އުޅުއްވަނީ ގައުމަށް ގައްދާރުވާން ކަމަށް ތުހުމަތުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ.އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އިދިކޮޅު އެމް.ޑީ.ޕީ އިސްވެ އޭރު ކުރި މަސައްކަތާ ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން މި އުޅޭ ބިޔަ މަޝްރޫޢަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީނު އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރަމުން އެ ގެންދާ މަސައްކަތާ ހުރީ ކޮން ތަފާތެއްތޯ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން އޭރު ޔާމީން އެ ދެއްކެވި ވާހަކަޔާ މިއަދު އެ ދައްކަވާ ވާހަކަޔާ ދިމާވަނީ ކިހާވަރަކަށްތޯ ވެސް އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.
އޭރު އެމްޑީޕީން ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީކަމަށް ޔާމީން ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ ވެސް އަބްދުއްރަހީމް ވަނީ ޔާމީންގެ އަރިހުން ސުވާލު ކުރައްވާފައެވެ.
ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަކަށް އެމްޑީޕީން އަނެއްކާވެސް ހުރަސްއަޅަމުންދާއިރު، ރައީސް ޔާމީން ވެސް ގެންދަވަނީ އެ މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީއާއެކު މަސައްކަތްކުރައްވަމުންނެވެ.
މިކަމަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަކީ ގައުމާމެދު ވިސްނައި ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ތަސައްރުފު ފުދިފައިވާ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށެވެ. އަދި ލަހެއް ނުވެ އެ މަޝްރޫއު ފެށިގެންދާނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވިއެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަޝްރޫއު ކުރިއަށްގޮސް އޭގެ ފުރިހަމަ ފައިދާ މުސްތަގުބަލުގައި ދިވެހިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި ދިވެހިން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއެވެ.