ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމުގެ ބައި-އިލެކްޝަން ނޮވެންބަރު 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، ހުޅުވާލާފައި ވަނީ 2026 އޮކްޓޫބަރު 11 ވާ އާދީއްތަ ދުވަހުން ފެށިގެން، 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށް އީސީން ބުނެއެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.
އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިޚާބު އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ޤުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ. މީގެ އިތުރުން އީސީން ބުނީ އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައި ވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައި ކަމަށެވެ.