ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑިއަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ތިނަދޫ ކައުންސިލު ރައީސްކަމަށް ކުރިމަތިލާން އެދޭ މީހުން މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 2:00 ޖެހުމާ ހަމައަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން އީސީން ފޯމު ބަލައިގަންނާނެއެވެ. އީސީން ބުނީ ވ. ތިނަދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކަމަށެވެ.

މިހާރު އުވައިލައިފައި އޮތް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި ޝުޖާޢު ޢަލީގެ ގޮނޑި ހުސްވީ މި ހިނގާ ފަސްވަނަ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ ޖުލައި މަހު ކަނޑައެޅުމާ ގުޅިގެންނެވެ.