ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް އަސާސީ ބާވަތްތައް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަސާސީ ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން އެ 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، އެސްޓީއޯ އިން މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯ އިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަތޮޅުތަކުގައި އެސްޓީއޯގެ ރޭޓުގައި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެގެންދާނެއެވެ.
މިހާރު އަލަށް ކަނޑައަޅާފައިވާ އަސާސީ 80 ބާވަތުގެ ތެރޭގައި 20 ބާވަތުގެ މޭވާ، 20 ބާވަތުގެ ތަރުކާރީ، އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް އަދި ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް ހިމެނެއެވެ.