ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، އޮކްޓޫބަރު 10 ވަނަ ދުވަހު ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ހަމަލާގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ސަތޭކައަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު، ޚާރިޖީ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އާންމު ރައްޔިތުންނަށާއި ދައުލަތުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސައުދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ގޮންޖެހުމެއް ކަމަށެވެ.

ހާރިޖީ ވުޒާރާއިން ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސައުދީ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް، އަދި މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އަނިޔާލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި، އިސްތިގުލާލާއި، އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާރިޖީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން 12 މީހުން މަރުވެ، 300 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އަދި މިހާރު އެ އެއާޕޯޓުގެ ހުރިހާ ފްލައިޓުތައް ވަނީ ލަސްކޮށް، ނުވަތަ ކެންސަލް ކޮށްފައެވެ.