މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާއިރު، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދެއެވެ.
މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން އެއިދާރާއިން ވަނީ ފާހަގަކޮއްފައެވެ.