މޯލްޑިވްސް ފައިނޭންސް ފޯރަމް 2026ގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކާއި ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ 14 ނޮވެމްބަރު 2026 ގައި ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކުރާ މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުންނެވެ. މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދު ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރެއެވެ.
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓްގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެއެވެ.
މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ އެ މަޝްވަރާތައް ބިނާވެފައި ވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ހިމެނެއެވެ. މިއީ އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެއެވެ. ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށެވެ.
"ޕެންޝަން ފައިސާއަކީ އެތައް އަހަރަކަށް އަމާޒުކޮށް އިންވެސްޓްކުރެވޭ އެއްޗަކަށްވުމާއެކު، ކުރިއަށް އޮތް ވިއްސަކަށް ނުވަތަ ތިރީހަކަށް އަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ފުރުސަތުތަކަކީ އަޅުގަނޑުމެންގެ ބައިވެރިންނާ ސީދާ ގުޅުންހުރި ކަންކަން،" މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަޒްމީދު މުހައްމަދު ވިދާޅުވިއެވެ.
2012 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާއިމުކޮށްފައިވާ ގައުމީ ފެންވަރުގެ މަންސައެކެވެ. މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފޯރަމްގެ 13 ވަނަ ބައްދަލުވުމެވެ.