ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނެ އެއާޕޯޓަކީ ފ. މަގޫދޫ އެއާޕޯޓު ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ސައުދީ މިހެން ވިދާޅުވީ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ސިލްސިލާގެ އިއްޔެގެ ޕްރޮގުރާމުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޕްރޮގްރާމްގައި އެއާޕޯޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތުގެ އަދާހަމަ ހިއްސާކުރައްވަމުން ސައުދީ ވިދާޅުވީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ގާތްގަނޑަކަށް އޮތީ ވަރަށް "އާލީ" ސްޓޭޖެއްގައި ކަމަށެވެ. އަދި އޭޓީއާރު ބޯޓުގެ ސައިޒު ބޮޑުވުމުން ތަރައްގީކުރަމުން އަންނަ އެއަރޕޯޓުތަކުގެ ރަންވޭގެ ދިގުމިން އިތުރު ކުރަންޖެހިފައިވާ ކަމަށްވެސް ސައުދީ ވިދާޅުވިއެވެ. މިސާލަކަށް އަލިފުށީ އެއަރޕޯޓުގެ މަސައްކަތް ފެށިއިރު ދީފައި އިން ދިގުމިނަށްވުރެ މިހާރު އެ ރަންވޭގެ ދިގުމިން އިތުރުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ ފ. މަގޫދޫ އަދި ނިލަންދޫ އެއާޕޯޓުގައިވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ތ. ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ސައުދީ ވިދާޅުވީ ގުރައިދޫ އެއާޕޯޓުގައި އެމްޓީސީސީއާ ބެހޭ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ދެން ހުރި މަސައްކަތްތައް އެމްއޭސީއެލުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިގޮތުން މިހާރު މަސައްކަތްދާ ގޮތަށް ބަލާއިރު އެންމެ އަވަހަށް ނިމޭނީ ފ. މަގޫދޫ އެއާޕޯޓު ކަމަށް ސައުދީ ވިދާޅުވިއެވެ.