ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިމިގެންދިޔަ ސެޕްޓެމްބަރ މަހު ކޯޓަށް ހުށަހެޅި ދައުވާގެ 290 މައްސަލައެއް ބަލައިގަނެފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޕީޖީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އޮފީހުގެ ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

ކޯޓަށް ހުށަހެޅިދައުވާތަކުގެ 93 ބާވަތެއް ހިމެނެއެވެ. އޭގެ ތެރޭގައި ޑައިމޯފިން ބޭނުންކުރުމުގެ 22 މައްސަލަ، ކެނެބިސް ބޭނުންކުރުމުގެ 15 އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ 11 މައްސަލައެއް ހިމެނެއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބު ދައްކާގޮތުގައި ބަލައިގަތް 256 މައްސަލަ ތެރޭގައި 63 ބާވަތެއްގެ މައްސަލަ ހިމެނެއެވެ. އޭގެތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތީގެ 42 މައްސަލަ ހުށަހަޅާފާވާއިރު ވައްކަމުގެ 7 މައްސަލައާއި އަމުރަށްނުކިޔަމަންތެރިވުމާއި މާރާމާރީ ހިންގުމުގެ 3 މައްސަލައެއް ހިމެނެއެވެ. މި ހުރިހާ މައްސަލައެއް ވެސް ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

ޑިއުޓީ ޕްރޮސިކިއުޝަންގެ ގޮތުގައި 678 މައްސަލަ ހުށަހަޅާފައިވާ ކަމަށް ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުން ދައްކައެވެ. ޑިއުޓީ ޕްރޮސިކިއުޝަނަށް ތާވަލުކުރެވުނު މައްސަލަތަކުގައި 198 ބާވަތެއް ހިމެނެއެވެ. މީގެ ތެރޭގައި ވެސް 81 މައްސަލައާއެކު އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެއީ 26 މައްސަލައެވެ. އަދި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ 17 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަންގެ ގޮތުގައި ހިމެނެއެވެ.

ތަފާސް ހިސާބު ދައްކާ ގޮތުގައި ހާޒިރުވި އަޑުއެހުމުގެ އަދަދަކީ 1192 އަޑުއެހުމެވެ. އެގޮތުން މަސްތުވާތަކެތީގެ 319 މައްސަލައެއް، ވައްކަމުގެ 98 މައްސަލަ އަދި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ 61 މައްސަލަ ހިމެނެއެވެ.