ބ. ހިތާދޫ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓުނީ އެ ޕްރޮޖެކްޓުގެ މުޅި ކޮންސެޕްޓް ބަދަލުވުމުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިހެން ވިދާޅުވީ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ސިލްސިލާގެ އިއްޔެގެ ޕްރޮގުރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ 4 ދުވަހަށް ވެފައި އޮއްވާ ހިތާދޫގައި ބިން ހިއްކަން ފެށި ނަމަވެސް ފަހުން އެ މަޝްރޫޢު ކުރިއަށް ނުގެންގޮސް ހުއްޓިފައިވަނީ ކީއްވެތޯ ރައްޔިތުން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ސައުދީ ވިދާޅުވީ އެމްޓީސީސީގެ ޑްރެޖަރެއް ހިތާދޫއާ ޖެހިގެން އޮތް ތުޅާދޫގައި ވެސް އޮންނާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ކޮންސެޕްޓު ފައިނަލް ވުމުން ތުޅާދޫ ނިމިގެން ހިތާދޫއަށްވެސް އެ ޑްރެޖަރު ގެންގޮސް މަސައްކަތް ފަށާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.

"ބ. ހިތާދޫގަ މުޅި ޕްރޮޖެެކްޓްގެ ކޮންސެޕްޓަށް ބޮޑު ޗޭންޖެއް އައިސްފަ އެއޮތީ އިނގޭތޯ. މިސާލަކަށް ބ. ހިތާދޫގަ މިހާރު ގާތް ގަނޑަކަށް ފައިނަލްވެފަ އެއޮތީ ކޮންސެޕްޓް. ދެން އަޅުގަނޑުމެން އޭގަ ބ. ހިތާދޫއާ ޖެހިގެން އެއޮތީ ތުޅާދޫ. ތުޅާދޫގަވެސް އަޅުގަނޑުމެން ޑްރެޖަރެއް އޮންނާނެ. ތުޅާދޫ ނިމުނީމަ ހިތާދޫއަށްވެސް އަންނާނެ. މީގަ މިވާގޮތަކީ ކޮންސެޕްޓް ފައިނަލްވެފަ އީއައިއޭ ހެދިފަ އެ މަސައްކަތް ކުރިއަށްގެންދިއުމުގެ މަރުހަލާގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުރޭ."

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ

ސައުދީ ވިދާޅުވީ ހިތާދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއަށް ރަށް ގިރާ މައްސަލަ ނުވަތަ ޝޯ ޕްރޮޓެކްޝަން ވެސް ވަދެފައިވާ ކަމަށެވެ. މިގޮތުން "ރިކްލަމޭޝަން އެންޑް ޝޯ ޕްރޮޓެކްޝަން" އެއް ޕްރޮޖެކްޓެއްގެ ތެރެއަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ސައުދީ ވަނީ ހާމަކުރައްވާފައެވެ. ސައުދީ ވިދާޅުވީ ހިތާދޫ ބިން ހިއްކޭނީ ރަށް ގިރާ މައްސަލައިގައި ބޮޑު ހިލަ ޖެއްސުމަށްފަހު ކަމަށާއި އެ ނޫން ގޮތަކަށް އެތަނަށް ވެލި އަޅައިފިނަމަ ވެލި ނުހިފަހައްޓާނެ ކަމަށެވެ. ނަަމަވެސް އިންޑިއާއިން ބޮޑު ހިލަގެނައުމުގައި ދަތިތަކެއް ދިމާވެފައިވާކަން ސައުދީ ވަނީ ހާމަކުރައްވާފައެވެ.

ސައުދީ ވިދާޅުވީ މިހާރު ނިންމާފައިވަނީ އިންޑިއާގެ އެހެން ޕޯޓަކުން ނަމަވެސް ބޮޑު ހިލަ ގެންނަން ކަަމަށާއި، މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ނޮވެމްބަރު ނިމޭ ހިސާބަށް ހިލަ ލިބޭނެ ކަމަށެވެ. އަދި ހިލަ ލިބޭ އިރަށް ބޮޑު ހިލަ ޖެއްސުމަށްފަހު ރަށް ގިރާ ސަރަހައްދުގައި ހިލަ ޖައްސާ ވެލިއަޅާ އެ މަސައްކަތް ކުރިއަށްގެންދާނެކަން ސައުދީ ވަނީ ވިދާޅުވެފައެވެ.