2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލޭގައި ބާއްވާ ޙަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކުރި މައުލޫމަތުގައި ވަނީ، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑާއި މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު ހިމަނާފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ، މި ހަތަރު އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ފޯމް ފުރިހަމަ ކުރުމަށްފަހު 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް ވުޒާރާގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ވުޒާރާގެ އީމެއިލް އެޑްރެސް[email protected]އަށް ފޮނުއްވުން އެވުޒާރާއިން ވަނީ އެދިފައެވެ.