މިދިޔަ މަހު ފޯސްޓާ ކުދިންނަށާއި ބެލެނިވެރިންނަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން އެއްލައްކަ ނުވަދިހަ ތިން ހާހަށް ވުރެ ގިނަ ރުފިޔާ ދީފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަލީ އެހީގެ ހަރަދުގެ ގޮތުގައި އެންސްޕާއިން ވަނީ 193،500 (އެއްލައްކަ ނުވަދިހަ ތިންހާސް ފަސްސަތޭކަ) ރުފިޔާ ހޭދަކޮށްފައެވެ.

އެންސްޕާއިން ބުނީ މާލީ އެހީ ލިބޭ ބެލެނިވެރިންގެ ތެރެއަށް އަލަށް 2 ބެލެނިވެރިން ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ ބެލެނިވެރިންގެ އަދަދަކީ 103 ކަމަށްވެސް ބުނެއެވެ.

މާލީ އެހީ ލިބެނީ 136 ކުދިންނަށް ކަންވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ތެލެސީމިއާ އެލެވެންސްގެ ގޮތުގައި އެންސްޕާއިން ވަނީ 541 މީހަކަށް މިދިޔަ މަހު މާލީ އެހީ ދީފައެވެ. އޭގެތެރެއިން 6 މީހުންނަކީ އަލަށް އެހީ ހަމަޖައްސާދީފައިވާ މީހުންކަމަށް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ ޖުމްލަ ތެލެސީމީއާ އެލެވެންސްގެ ގޮތުގައި މިދިޔަ މަހު، 1،082،000 (އެއް މިލިއަން އައްޑިހަ ދެހާސް) ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.