އަންހެން ކުދިން ބާރުވެރިކުރުވައިފި ނަމަ، އެ ކުދިން ހަމައެކަނި އެމީހުންގެ ދިރިއުޅުން ބަދަލު ނުކޮށް، މުޅި ގައުމުގެ މުސްތަގުބަލު އުފުލާނީ އެ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އަޒުމާއި، ނިމުމެއް ނެތް ގާބިލުކަމުގެ އަގު ވަޒަންކުރައްވާކަމަށެވެ.
އަންހެން ކުދިންނަކީ މުޖުތަމައުތައް ވަރުގަދަކޮށް، ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ، އިސްނަގާ، އައު އީޖާދުތައް ތައާރަފުކުރާ، އަދި ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ބައެއްކަން ފަސްޓްލޭޑީވަނީ ފާހަގަކުރައްވާފައެވެ.
ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރާއި، މުޖުތަމަޢުގެ ލީޑަރޝިޕްގެ ރޮނގުން އަންހެން ކުދިންނާއި ޒުވާން އަންހެން ކުދިން ފާހަގަކޮށްލޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އަދި އެބޭފުޅުންގެ އަގުހުރި ކާމިޔާބީތަކުގެ ސަބަބުން، ހަރުދަނާ އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެވޭނެ ކަން ފަސްޓްލޭޑީވަނީ ފާހަގަކުރައްވާފައެވެ.