އަހާ ފޯރަމްގެ އާ ޕްރޮގްރާމެއް ދައުލަތުގެ ތިން ވަޒީރަކާ އެކު މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.

އަހާ ފޯރަމަކީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކެކެވެ. އެގޮތުން މިރޭ ބާއްވަން ހަމަޖެހިފައިވާ އަހާ ސިލްސިލާގެ ފޯރަމް އޮންނާނީ މިރޭ 21:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. އެ ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތާއި ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.

"އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު އަހާ ފޯރަމުން ވަނީ ފަހިކޮށްދީފައެވެ.