އަންހެން ކުދިން ހޯދާ ކުރިއެރުންތަކަށްޓަކައި ފަހުރުވެރިވާ ކަމަށް ސިއްހީ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ސިއްހީ ވުޒާރާއިން އާންމުކުރި ޕޯސްޓެއްގައި ވަނީ ވަޒީރު ގީލާގެ މެސެޖު އާންމުކޮށްފައެވެ.

ވަޒީރު ގީލާގެ މެސެޖުގައި ދިވެހިރާއްޖޭގެ ހިތްވަރުގަދަ އަދި ކެތްތެރި އަންހެން ކުދިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. އަދި އަންހެން ކުދިންނަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގިނަގުނަ ގޮންޖެހުންތައް ބަލައިގަންނަ ކަމަށްވެސް ވަޒީރު ގީލާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ތައުލީމާއި، ޓެކްނޮލޮޖީއާއި، ކުޅިވަރުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އަންހެންކުދިން ހޯދަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށްޓަކައި ފަހުރުވެރިވާ ކަމަށާއި، އެ ކުދިންގެ ކެތްތެރިކަމާއި، ސާބިތުކަމާއި ގަދަ އަޒުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީ ރައްކާތެރި، ލޯބިލިބޭ އަދި ބާރުވެރި މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމަށް އިޖާބަދިނުމަށް އެކުލަވާލާފައިވާ ގައުމީ ފެންވަރުގެ އަމަލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ގީލާ ވަނީ ދެއްވާފައެވެ.

އަންހެން ކުދިންނަށް ފުރިހަމަ އުއްމީދާއެކު އެކުދިންގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނެ ފަދަ ދުނިޔެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމަށް ވަޒީރު ގީލާ ވަނީ ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން މި އަަހަރުވެސް މިދުވަސް ފާހަގަކުރަމުންދާއިރު، މި އަހަރުގެ ޝީއާރަކީ، "ކުޑަކުދިންނަށް ގަދަކަމުން ކުރާ ކައިވެނިތައް ނިމުމަކަށް ގެނެސް އަންހެން ކުދިންގެ ހައްގުތަކަށް އިންވެސްޓްކުރުން" އެވެ.

މި ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓަކީ، ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ވިދާޅުވެފައެވެ.