އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓަކީ، ފާގަތި މުސްތަޤުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެކުދިންގެ ޤާބިލުކަން އިތުރުކުމަށް ކަމަށެވެ. އަންހެން ކުދިންނަކީ މުސްތަޤުބަލުގައި ލީޑަރުންނަށް ހަދައި، އެކުދިންނަށް ރައްކާތެރިކަމާއި އެއްބާރުލުން ލިބޭ މާޙައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ސިޔާސަތުތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ޓަކައި ޢާއިލާތަކާއި މުޖުތަމަޢުން ފެށިގެން ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ބައިވެރިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ، އަންހެން ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު އަންހެން ދަރިންގެ މުސްތަޤުބަލަށް ޓަކައި ކުރާ އިންވެސްޓްމަންޓަކީ، ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.