އައިޖީއެމްއެޗުގައި ވަޒީފާ އަދާކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މެރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ނަމަވެސް، ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަން އަދި ކަށަވަރެއް ނުވެއެވެ.

މޭރީގެ މަރާއި ގުޅިގެން، މާވިންގެ މައްޗަށް ދައުލަތުން އުފުލީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށްވީއިރު، ދައުލަތުގެ ވަކީލު ދަށު ކޯޓުގެ ޝަރީއަތުގައި ފާހަގަކޮށްފައި ވަނީ، މާވިން އަކީ މޭރީގެ ފިރިމީހާ ކަމާއި މޭރީގެ ދަރިފުޅުގެ ބައްޕަ ކަމާއި ފެންވަރު ހުރި ނަރުހެއް ކަމެވެ. އެހެން ނަމަވެސް އެ ކުށުގެ އަމަލުގައި ރަހުމެއް، ކުލުނެއް ނުވަތަ ހަމްދަރުދީއެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެހެންކަމުން ދައުލަތުން ވަނީ މާވިންއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދީ، ކުށުގެ އަދަބު ވީ އެންމެ ބޮޑެއް ކޮށްދިނުމަށް އެދިފައެވެ. ޝަރީއަތުގައި އަދަބާ ބެހޭ ބަހުސަށް ފަހު މާވިންއަށް ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. އަދި އޭރު އޭނާ ވަނީ ބުނާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައިވެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގައި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ވެސް މޭރީގެ މަރާއި ގުޅިގެން ތިން ދައުވާއެއް ކޮށް، ސާބިތުވެފައިވެއެވެ. އެއީ މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމާއި، ހުއްދަ ބޭނުންވާ ކަމެއް ހުއްދަ ނެގުމެއް ނެތި ކުރުމުގެ ކުށެވެ. އެ ތިން ދައުވާ ސާބިތުވުމާއި ގުޅިގެން ލަމްހާއަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގައި ބަންދުގައި ހުރި ދުވަސްވަރު މާވިން ވަނީ އިސްލާމް ދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފައެވެ. އެ ކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ވެސް އޭނާގެ ފަރާތުން ވަނީ އަންގާފައެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ހައިކޯޓުން ކުރިއަށް ގެންދާ ގޮތެއް އަދި ހާމަވެފައެއް ނުވެއެވެ.