ކީރިތި ގުރުއާން އުނގެނުމަކީ ދުނިޔެވީ، މާއްދީ ފައިދާއެއް އެކަމުގެ މައްޗައް އިސްކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގުރުއާން މުދައްރިސުކަމުގެ ޑިގްރީ ކޯހާއި ޑިޕްލޮމާ ކޯހުގެ ދަސްވެނިވުމުގެ ރައްމިއްޔާތުގައި ވާހަކަދައްކަވަމުން، ގުރުއާން އުނގެނުމަކީ ވަރަށް މަތިވެރި މާތް ކަމެއް ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ވަކިން ހާއްސަކޮށް، އާއިލާ ބަލަހައްޓަމުން، ވަޒީފާއަށް ދަމުން އެފަދަ ޕްރޮގްރާމްތަކެއް ނިންމުމަކީ ވަރަށް ބޮޑު ޖިހާދެއް ކަމަށެވެ. އަދި އެއީ އެކަމަށް މާތްﷲ ސަވާބާއި ދަރުމަ ދެއްވާނެ ކަމެއް ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، ކީރިތި ގުރުއާން އުނގެނުމާއި، ކީރިތި ގުރުއާނަށް ހިދުމަތް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ގުރުއާން އުނގަންނައިދިނުމުގެ ޝަރަފު ލިބިގަންނަ މީހަކަށް އެ ޝަރަފު މާތްﷲ ދެއްވާނެ ކަމަށް ވިދާޅުވެ ޝަހީމް ވަނީ ކަލާމްފުޅަށް ހިދުމަތްކުރާ ބަޔަކަށް މާތްﷲ އެހީތެރިވެވޮޑިގަންނަވާނެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޝަހީމް ވަނީ ގުރުއާން އަށް ހިދުމަތް ކުރުމުގައި އުޅޭއިރު، އެކަމުގެ ދުނިޔޭގެ މާއްދީ މަންފާ އިސް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ހެޔޮ ސަވާބާ ދަރުމަ ހޯދުމުގެ މަތިވެރި މަގުސަދުގައި ކުރާ ކަމެއްގެ ގޮތުގައި އެކަން ދެމެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއް. ދެން ދުނިޔެވީ ހަޔާތުގައި އުޅޭއިރު ވަޒީފާއަށްވެސް ދާން ޖެހޭނެ. އެކަމަކު އެންމެ އިސް ނިޔަތަކަށް ވާން ޖެހޭނީ ގުރާން ދެކެ ލޯބިން ގުރާނަށް ހިދުމަތް ކުރުމުގެ ނިއަތް."

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ވަޒީރު ވަނީ ހިލޭ ސާބަހަށްވެސް މުޖުތަމައުއަށް ގުރުއާން އުނގަންނައިދޭ މީހާގެ ފަރާތުން ހިދުމަތް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންމެ ކުއްޖަކަށް ގުރުއާން އުނގަންނައިދިނުން ނުވަތަ އިސްލާމީ އިލްމެއް އުނގަންނައިދިން ނަމަވެސް އެއީ އެމީހާއަށް ލިބޭ ވަގުފެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ދެމިހުރި ސަދަގާތެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިސާލަކަށް ކުއްޖަކަށް ސޫރަތުލް ފާތިހާ ދަސްކޮށްދިން ނަމަވެސް ރަނގަޅަށް ކިޔަވަން އުގަންނައިދެވުން ނަމަ އެކުއްޖަކު މުޅި ހަޔާތުގަ ކިޔަވަމުނދާ ހިނދުގައި އޭ އަށް، އެ އުގަންނައިދިން މުދައްރިސަށް އެކަމުގެ ސަވާބާއި ދަރުމަ ލިބޭނެ."

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ވަޒީރު އިތުރަށް ވިދާޅުވީ، މިއަދުގެ މުޖުތަމައުއަށް ގުރުއާން ޓިޗަރުންނަކީ ވަރަށް ބޭނުންތެރި ބައެއް ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ގުރުއާން ޓީޗަރުން ނެތްކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ޑިގްރީ ޕްރޮގުރާމްތައް ނިންމާ ދަރިވަރުންވެސް ތިބެނީ ސިޓީ ތަކުގައި ކަމަށާއި ރަށް ރަށުގައި ގުރުއާން ކިޔަވަދޭނެ ބަޔަކު ނުތިބޭ ކަމަށެވެ. އަދި އެކަން ހައްލު ކުރަން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ގުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ގުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން ކާމިޔާބުކަމާއެކު މިރޭ 113 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ.

މި ދަސްވެނިވުމުގެ ތެރޭގައި ގުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން ބުނީ، މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ގުރްއާން މުދައްރިސުން އުފެއްދުމަށާއި އިސްލާމީ ތައުލީމު ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން މި ކޯސް‌ތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން އިލްމީ ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ގުރްއާން އުނގަންނައިދިނުމުގެ ގައުމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން ބުނެއެވެ.