ކ. ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފިއެވެ.

ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ކާށިދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ އިސްވެރިންނާއި، ކާށިދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކާށިދޫއަކީ ފިޒިއޮތެރަޕީގެ ހިދުމަތަށް ނުހަނު ބޭނުންޖެހިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. އަދި މީގެކުރިން އެ ރަށުގައި އެ ހިދުމަތް ލިބެން ނެތުމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކުން ކަނޑު ހުރަސްކޮށް މާލެއަށް ދަތުރުކުރަން ޖެހިފައިވާކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ އޭގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ހަރަދެއް ހިނގުމުގެ އިތުރުން، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު އެ ދަތުރުތައް ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ސިއްހީ ވުޒާރާއިން ބުނީ، އަލަށް ފެށުނު މި ހިދުމަތާއެކު، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު މި ފަރުވާ ލިބިގެންދާނެ ކަމަށެވެ. މިއީ އެ ރަށުގެ ސިއްހީ ނިޒާމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މި ދައުރުގައި ފިޒިއޮތެރަޕީގެ ހިދުމަތް އަލަށް ތައާރަފުކުރި 5 މަރުކަޒުގެ ތެރޭގައި ކާށިދޫ ސިއްހީ މަރުކަޒު ހިމެނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފިޒިއޮތެރަޕީ ފަދަ ހާއްސަ ފަރުވާތައް ފުޅާކޮށް، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށްވެސް ސިއްހީ ވުޒާރާއިން ބުނެއެވެ.