މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނުވަތަ ފަރުމަސް އާލާކުރުމުގެ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބުރު ފަށައިފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، މި އަހަރަށް އަމާޒުކޮށްގެން ހިންގާ "ބޭސިކް މެރިކަލްޗަރ ޓްރޭނިންގ ޕްރޮގްރާމް" ގެ ތިންވަނަ ބުރު މިއަދު މަނިޔަފުށީގެ ރިސާޗް އެންޑް ޓްރޭނިންގ ފެސިލިޓީގައި ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މި ބުރުގައި ޖުމްލަ 15 ބައިވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނޭ ކަމަށް އެ ވުޒާރައިން ބުނެއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި، މެރިކަލްޗަރއާ ގުޅޭ މުހިންމު އުކުޅުތަކާއި، މަސްމަހާމެއްސަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ކަންކަން މެނޭޖްކުރާނެ ގޮތްތަކުގެ އިތުރުން، ދިރިހުރި ކާނާ (ލައިވް ފީޑް) އުފެއްދުމާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މައުލޫމާތާއި އަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މެރިކަލްޗަރގެ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އެކުއާކަލްޗަރ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބާރުއެޅުން ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށްވި އިރު އޭގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

3 ވަނަ ބުރު ފަށާފައިވާއިރު، މި އަހަރުގެ 4 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނުވަތަ ފަރުމަސް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވެސް މަސްވެރިކަމާއި ބެހެ ވުޒާރައިން ވަނީ ހުޅުވާލައިފިއެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 18 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.