ޤައުމެއް ދިރޭނީ އެޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ މާތް އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މާލޭ ސެންޓްރަލް ހޮޓެލްގައި ރޭ ކުރިއަށްދިޔަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވްޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ޚާއްޞަ ހަފްލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ހީނާގެ ވާހަކަފުޅުގައި، ތުއްތު ދަރިންނަކީ އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ޙުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް، އަކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރޭ ކުރިއަށް ދިޔަ އަގުވަޒަންކުރުމުގެ މި ޚާއްޞަ ހަފްލާގައި، އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުންނަށް އިނާމު އަރުވާފައިވެއެވެ. އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއްވެސް ވަނީ ހުށަހަޅާފައެވެ.