އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯގައި ފެނިގެންދާ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުން، ދުނިޔޭގެ މަޝްހޫރު ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ 'ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން' އިންނެވެ.
މި މާސްޓަރޕްލޭނަކީ ރާއްޖޭގެ ރަށްތަކުގެ އަރބަން ދިރިއުޅުމަށް ޒަމާނީ ބަދަލުތަކެއް ގެނެސްދޭ ގޮތަށް، އުސް ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ޢާންމު ޚިދުމަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
މިތަން ތަރައްޤީވެގެން އަންނައިރު އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައްވެސް ޤާއިމުކުރާނެއެވެ. އެގޮތުން ތަނުގައި ކުޅިވަރުކުރެވޭނެ އިންތިޒާމާއި، ކެފޭ ރެސްޓޯރަންޓްތަކާއި، ފިނި މައިޒާންތަކާއި ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ތަންތަން ޤާއިމުވެގެންދާނެއެވެ. އަދި ފިހާރަތަކާއި، މޫދަށް އެރިލާނެ ތަންތަންވެސް މިތަން ނިމިގެން އަންނައިރު ޤާއިމުވެފައި ހުންނަތަން ކުރެހުންތަކުން ފެންނައިރު، މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ވެސް ހިމެނެއެވެ.
މި މަޝްރޫއުގެ ކުރެހުންތައް މިހާރު ދައްކާލާފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ. މިއީ ދިވެހިންނަށް ތަނަވަސް ބޯހިޔާވަހިކަމާއި، ވަޒީފާގެ އައު ފުރުޞަތުތަކާއި، ހިތްފަސޭހަ ޒަމާނީ ވެއްޓެއް ލިބޭނެ މަޝްރޫއަކަށް ވެގެންދާނެކަން ސަރުކާރުން ފާހަގަކުރެއެވެ.