މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ ޑޮލަރުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އަދި މި އަހަރު 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިޔަން ޑޮލަރުގެ ބޭރު ފައިސާ ދޫކޮށްފައިވާކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ، އެއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ކަމަށެވެ. އެއީ 2025ވަނަ އަހަރުގެ މަހެއްގެ އެވްރެޖާއި އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް މަހަކަށް އެވްރެޖްކޮށް 37 މިލިޔަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެއީ 2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ 15 އިންސައްތަ އިތުރު އަދި 2022 ވަނަ އަހަރުގެ އެވްރެޖާއި އަޅާބަލާއިރު ގާތްގަނޑަކަށް 3 ގުނަ އިތުރު އަދަދެކެވެ.

މީގެ އިތުރުން ދިވެހި ރުފިޔާއިން ކޮށްފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ކުރެވުނު ޖުމްލަ ހޭދައަކީ 336 މިލިޔަން ޑޮލަރުކަމަށާއި އީ-ކޮމާސް ވިޔަފާރިތަކަށް 208 މިލިޔަން ޑޮލަރު، ޕީއޯއެސް މުއާމަލާތްތަކަށް 93 މިލިޔަން ޑޮލަރު އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނަގާފައިވާ ނަގުދު ފައިސާ 34 މިލިޔަން ޑޮލަރަށް އަރާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި 224 މިލިޔަން ޑޮލަރު ބީއެމްއެލް އިން ވަނީ ދޫކޮށްފައެވެ. އެއީ 2025 ވަނަ އަހަރު ދޫކުރި 175 މިލިޔަން ޑޮލަރަށްވުރެ 28 އިންސައްތަ އިތުރު އަދަދެކެވެ. އަދި ދަތުރުފަތުރަށް ދޫކުރި ނަގުދު ފައިސާގެ އަދަދަށް ބަލާއިރު 86 މިލިޔަން ޑޮލަރު ވަނީ ބީއެމްއެލްއިން ދޫކޮށްފައެވެ. އޭގެތެރެއިން 5.8 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށެވެ.

ތައުލީމީ ބޭނުންތަކަށް އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި 40 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެއީ 2025 ވަނަ އަހަރާއި އަޅާބަލާއިރު 16 އިންސައްތަ އިތުރު އަދަދެކެވެ. ސިއްހީ ބޭނުންތަކަށް މި މުއްދަތުގެ ތެރޭގައި 33 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ 2025 ވަނަ އަހަރު ދޫކުރި 14 މިލިޔަން ޑޮލަރާއި އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.

މިއަހަރު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 1.93 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އަހަރީ ރިޕޯޓުން ދައްކައެވެ. އެއީ އެ ބޭންކުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު 9 މަސްދުވަހުގެ ގޮތުގައި ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.