ކުރިއަށް އޮތް ރަމަޟާން މަހުގެ އުމްރާއަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންތިޒާމުކުރާ ހާއްސަ ދަތުރެއް ކަމަށެވެ.
ރަމަޟާން މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ރަމަޟާން މަހުގެ ފަހު 15 އުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ.
މީގެ އިތުރުން މުޅި ރަމަޟާން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިހާރު ހުޅުވަލާފައިވާއިރު، މުޅި ރަމަޟާން އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
ރަމަޟާން އުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތުވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ. އެގޮތުން އުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އުމްރާ ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް ބަލާލާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ހިދުމަތް، ފާމަސީގެ ހިދުމަތް، ހިލޭ ވެކްސިން ޖަހައިދިނުން، މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ހިދުމަތް، މަދީނާގައި 3 ރޭ ހޭދަކުރުން، ދިވެހި ކެއުން، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ހިދުމަތުގެ އިތުރުން ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދުދިނުން، އުމްރާ ކިޓް، ބަގީގެ ހިދުމަތް، އަދި ލޮކޭޝަން ޓްރެކިންގ ޑިވައިސްވެސް ހިމެނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުން ކަމަށެވެ.
މީގެ އިތުރުން، މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ގައުމީ އެއަރލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާގުޅިގެން ކަމަށާއި، މިއީ މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެއްކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު އުމްރާގެ އަޅުކަމަށް، ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.