ނަފްސާނީ ދުޅަހެޔޮކަން ބައްޓަން ކުރެވެނީ ލިބޭ ފަރުވާއާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަނެކާގެ އިހުސާސްތައް އަޑު އަހައި ހިތްވަރު ދިނުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ސާޖިދާ ވިދާޅުވީ، މިއީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ގޭބިސީތަކާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް އަޑުއަހައި، އެކަކު އަނެކަކަށް ހިތްވަރުދޭ ގޮތަކީ، ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް ކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަކީ، ޙަޤީޤަތުގައި މުޖުތަމައަށް ކޮންކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭ ބައެއްކަން ފާހަގަކުރަންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، ނަފްސާނީ ދުޅަހެޔޮކަމާ މެދު ދެކޭ ގޮތް ބަދަލުކޮށް، އެހީ ހޯދަން ހިތްވަރުދީ، އެހީއަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެހީތެރިކަން ހޯދޭނެ ކަމުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.