ފެނަކައިން ހިދުމަތް ދެމުން ގެންދިޔަ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުމުގެ ދަށުން، ހއ. ތުރާކުނުގެ ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ހިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން، ތުރާކުނު އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު އެވެ.
ޑރ. އަލީ އަޒުވަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ހއ. ތުރާކުނު އިންޖީނުގެއާއި އާރްއޯ ޕްލާންޓް ވެސް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ތުރާކުނުގައި ގާއިމުކުރެވިފައިވާ ކަރަންޓާއި ފެނުގެ ހިދުމަތްތަކުގެ ހާލަތު ވަޒަންކުރައްވައި، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސްޓެލްކޯއިން އުތުރުގެ ރަށްތަކަށް ކުރާ ދަތުރުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ހއ. ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ވެސް ބައްލަވާލައްވާފައެވެ.