އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަންގައި މަޝްހޫރު ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި 4 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ވ. ސިނަމާލެ 4 3-03 / މާލެ، އުމުރުން 42 އަހަރުގެ ޝާހިލް މުޙައްމަދު އާއި މަތިމަރަދޫ. ކޮންކީލިޔާ / ލ.ގަން، އުމުރުން 29 އަހަރުގެ މުޙައްމަދު ވިޝާލް އާއި ގ. ފްލައިންގޓައިގަރ / މާލެ، އުމުރުން 35 އަހަރުގެ އިސްމާޢީލް ޖުމައިޙު އަދި ވ. ސިނަމާލެ 4 3-03 / މާލެ، އުމުރުން 44 އަހަރުގެ އަޙްމަދު ޢަޒްމީލް އެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ކަމުގެ ތުހުމަތެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެމީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އެ ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށެވެ. އެ ކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ފާހަަގަކޮށްފައެވެ.