ރާއްޖޭގައި އުޅޭ ބިދޭސީންގެ ފިންގަރޕްރިންޓް އާއި ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދިފައިނުވާ 800 އެއްހާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ހޯދަމުންދާ 800 ބިދޭސީންގެ ތެރެއިން އެންމެންނަކީ މި ވަގުތު ރާއްޖޭގައި ތިބި މީހުންކަން ޔަގީންކަމާއެކު ވިދާޅުވާން ނޭނގޭ ކަމަށެވެ. އެގޮތުން، އޭގެ ތެރެއިން ބައެއް މީހުން ނިޔާވެފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު އިހުސާން ވިދާޅުވީ، ބިދޭސީންގެ ފިންގަރޕްރިންޓް އާއި ބަޔޯ މެޓްރިކްސް ނެގުމުގެ މަސައްކަތް ނިންމުމަށް ފުރަތަމަ އިއުލާނުކުރީ އަންނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހަށް ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ނޮވެންބަރު 17 އަށް އެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ޓީމަށް މިހާރު އަންގަވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ނޮވެންބަރު 17ގެ ކުރިން އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.