މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ޓްރެފިކްގެ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ކުރިއަށްގެންގޮސްފިއެވެ.
މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންގެ މަޤްޞަދަކީ ތަކުރާރުކޮށް ޓްރެފިކްގެ ގަވާއިދާ ޚިލާފުވާ މައްސަލަތައް ޙައްލުކޮށް، މަގުމަތީގައި ދުއްވާ ފަރާތްތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މަގުމަތީގައި ދުއްވާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމެވެ.
ދައުލަތުގެ މީޑީއަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ މި އޮޕަރޭޝަނަކީ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން އާންމުވަމުންދާތީ، އެފަދަ އުޅަނދުތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަޤްޞަދުގައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން ޤަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި، މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަން ހަނީފް ވަނީ ފާހަގަކުރައްވާފައެވެ.
ހެޑް އޮފް ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ މިއީ މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ފެށި މަސައްކަތެއް ކަމަށާއި، މި އޮޕަރޭޝަންގައި ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންނާއި، ބްރިޖް އެންޑް ހައިވޭގައި ހިދުމަތްކުރާ ފުލުހުން އަމަލީ ގޮތުން ބައިވެރިވަމުން އަންނަކަމަށެވެ.
ނަޢީމް ވިދާޅުވީ ބްރިޖާއި ހައިވޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އެ ފަރާތްތަކުގެ މައުލޫމާތު ނަގައި ޕްރޮފައިލް ކުރެވޭނެ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނުގައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.