"ސަރުކާރުގެ ހިދުމާތު މަރުކަޒު" ތަކަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަން ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި އާޒިމް ވަނީ، ސަރުކާރުގެ ހިދުމާތު މަރުކަޒު ނަމުގައި އެކި އަތޮޅުތަކުގައި އަތޮޅު އޮފީސް ހަދަން ސަރުކާރުން ނިންމައި، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި، އަނެއްކާވެސް މާޒީގެ އަނދިރި ދުވަސްތަކަށް ގައުމު ގެންދިއުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ހާމަކޮށްފައެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ބާރުތައް ދިނުމުގެ ބަދަލުގައި، އަލުން އަނެއްކާވެސް އަތޮޅު އޮފީސްތަކާއި އަތޮޅުވެރިންގެ ނިޒާމު އަނބުރާ ގެނެސް، ގައުމު މި ވައްޓާލަނީ އެތައް އަހަރެއް ފަހަތަށް ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ހަގީގީ ރޫހާ މުޅިން ހިލާފު، ޑިމޮކްރަސީގެ އަގުތައް ވެއްޔާ މޮޑެލުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ހަގީގަތުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލައި މައި ސަރުކާރުގެ މުށުތެރެއަށް ހުރިހާ ބާރެއް އަލުން ޖަމާކުރުމުގެ ފެށުމެއް ކަަން ފާހަގަކުރައްވާ އާޒިމް ވަނީ، ރައްޔިތުން ވޯޓުދީގެން އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ސިޔާސީ ގޮތުން ނުފޫޒު ފޯރުވަން ކުރާ މިފަދަ ކަންކަމަކަށް ޖާގައެއް ނުދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އާޒިމް މިފަދައިން ސަރުކާރަށް ތުހުމަތުކުރައްވާފައިވާ އިރު، ކުރީ ޒަމާނުގެ އަތޮޅު އޮފީސްތައް އިޔާދަ ނުކުރައްވާނެ ކަމަށާއި، އެއީ ސިޔާސީ ފަރާތްތަކުން އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަރުކާރުގެ ޚިދުމާތު މަރުކަޒުގެ ނަމުގައި ރައީސް ވަނީ 18 އަތޮޅެއްގައި މަރުކަޒުތައް އުފައްދަވާފައެވެ. މި މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ށ)ގެ 1 ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.