ބިދޭސީ ކުންފުނިތަކަށް ރާއްޖޭގައި ބައެއް ވިޔަފާރިތައް ހިންގުން ގާނޫނުން މަނާކޮށްފިއެވެ.
އިގްތިސޯދީ ތަރައްގީއާ، ދަތުރުފަތުރާއި ވިޔަފާރިއަ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. އަދި ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެހެންކަމުން، ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަނުކޮށް ވިޔަފާރި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ، މި ބަދަލުގެ އަސަރުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ލޯކަލައިޒްކުރުމާއި، ކުންފުނި އަލުން ބައްޓަންކުރުން ފަދަ ފިޔަވަޅުތަކުގެ އެހީގައި އުސޫލުތަކަށް ފެއްތުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި، މިހާރު އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ރަސްމީކޮށް އިގްތިސޯދީ ވުޒާރާއާ ގުޅިގެން އުސޫލުތަކަށް ފެއްތުމުގެ މަސައްކަތް ފަށާފައިވާ ކުންފުނިތަކުން، އެ ވުޒާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ފުރިހަމަނުވެ ހުރި ކަންކަން ނިންމަން ޖެހޭނެ ކަން ފާހަގަކޮށް އެ ވުޒާރާއާއިން ބުނީ، އެ މަސައްކަތްތައް ތަރުތީބުން ނިންމުމަށްޓަކައި އެ ކުންފުނިތަކާ އެކު ސީދާ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިގާލީ މަރުހަލާގެ އެޕްލިކޭޝަން ހުށަހަޅާފައި ނުވާ ނުވަތަ އެ ވުޒާރާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކުންފުނިތަކަށް، ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ރަސްމީ ނޯޓިސް ފޮނުވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ނޯޓިސްގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ހުއްދަ ނޫން ވިޔަފާރި ހަރަކާތްތައް ހުއްޓާލުން ހިމެނޭހެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިތަކުން އަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިގްތިސޯދީ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ޝަރުތުތަކަށް ނުވަތަ މިނިސްޓްރީގެ އިރުޝާދުތަކަށް އަމަލުނުކޮށްފި ނަމަ، އެއީ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެފަދަ ހާލަތްތަކުގައި ގާނޫނުގެ 24 ވަނަ މާއްދާ އާއި 25 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އެ ވުޒާރާއަށް ލިބިގެންވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އިގްތިސޯދީ ވުޒާރާއިން ވަނީ ކުރިން އެވުޒާރާއާ ގުޅިފައިވީ ނަމަވެސް ނުވަތަ ނޫން ނަމަވެސް، އުސޫލުތަކަށް އަމަލުނުކުރާ ކުންފުނިތަކާ މެދު ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައެވެ.
ލޯކަލައިޒްކޮށްގެން (ދިވެހި ހިއްސާ ހިމަނައިގެން) މި ދާއިރާތަކުގައި ދެމިތިބެން ބޭނުންވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިލްކުވެރިކަން ބަދަލުކުރާ ގޮތަކީ އުސޫލުތަކާ އެއްގޮތްވާ ގޮތެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ހިއްސާ ބަދަލުކުރުމުގެ ނަތީޖާއަކަށް ވާންޖެހޭނީ ވިޔަފާރީގެ މިލްކުވެރިކަމާއި ހިންގުމުގައި ދިވެހިންގެ ހަގީގީ އަދި މާނަހުރި ބައިވެރިވުމެއް އޮތުމަށް ކަމަށެވެ.
ހިއްސާ ބަދަލުކުރުމުގެ އާންމު ޝަރުތުތަކުގެ އިތުރުން، މިފަދަ ކުންފުނިތަކުން އިތުރު މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ. އެގޮތުން ވުޒާރާއިން ބަލާނެ ކަންކަމުގެ ތެރޭގައި މިލްކުވެރިކަން ބަދަލުކުރި ގޮތާއި އޭގެ މިންވަރު، ހިއްސާގެ އަގު އަދާކުރުމަށް ނިންމާފައިވާ އިންތިޒާމުތައް، ފައިސާ ހޯދި ގޮތާއި ފައިނޭންސް ކުރި ގޮތް، އަދި މަންފާލިބޭ ހަގީގީ މިލްކުވެރިޔާ (ބެނެފިޝަލް އޯނަރޝިޕް) ގެ އިތުރުން، ކުންފުނި ކޮންޓްރޯލްކުރާ ފަރާތް، ހިއްސާ ބަދަލުކުރި ބޭރުގެ ފަރާތުގެ ނުވަތަ ގުޅުންހުރި ފަރާތެއްގެ އެއްވެސް މަސްލަހަތެއް ނުވަތަ ހައްގެއް އޮތްތޯ ބެލުން އަދި އަލަށް ގުޅުނު ދިވެހި ހިއްސާދާރުންގެ ދައުރާއި ބައިވެރިވުން ހިމެނެއެވެ.
މިކަމުގެ މަގްސަދަކީ ލޯކަލައިޒްކުރުމަކީ ހަމައެކަނި ނަމެއްގައި ނުވަތަ ލިޔެކިޔުމެއްގައި ހިއްސާ ބަދަލުކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން މިލްކުވެރިކަމާއި ބައިވެރިވުން ބަދަލުވުން ކަން ކަށަވަރުކުރުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މިފަދަ ހިއްސާ ބަދަލުކުރުމުގެ އިތުރު ތަފްސީލީ އުސޫލުތައް ވަކިން އާންމުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.