އިތުރު 4 ގައުމެއްގައި ރާއްޖޭގެ އެމްބަސީތައް ގާއިމްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" ނޫހުން ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައެވެ. އެގޮތުން މިނިސްޓްރީން އިއްޔެ އެ ނޫހަށް ފޮނުވި ޖަވާބުގައި ބުނީ އިޓަލީ، މިސްރު، ސައުތު އެފްރިކާ އަދި އޮސްޓްރޭލިއާގައި ރާއްޖޭގެ މިޝަންތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެ އެމްބަސީތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކޮށްފައިވީ ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީގެ ވެބްސައިޓު ދައްކާގޮތުން މިހާރު ވެސް 18 ގައުމެއްގައި ރާއްޖޭގެ 19 އެމްބަސީއެއް އަދި ދެ ކޮންސުލޭޓެއް ހިންގަ އެވެ. އަދި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހައި ކޮމިޝަނެއް ހުންނައިރު، ސައުދީގެ ރިޔާދުގައި ވެސް ރާއްޖޭގެ ހައި ކޮމިޝަނެއް ހިންގަ އެވެ. މީގެއިތުރުން އެމެރިކާގެ ވޮޝިންޓަންގައި ދިވެހި ހައި ކޮމިޝަން އަދި ނިއުޔޯކްގައި ރާއްޖޭގެ އދ. ގެ އޮފީސް ހިންގައެވެ.