ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ އާޓިފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ހަރަކާތްތަކުގެ މަގުސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އާއްމުންނަށް އަންގައިދީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން ކަމަށެވެ. އެ ހަރަކާތް އިންތިޒާމް ކޮށްފައި ވަނީ މޮންޓްރިއާލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

މި އަހަރުގެ ތީމަކީ "ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް" އެވެ. އެގޮތުން އެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ގޭމްތަކާއި އަދި ތަފާތު މަޖާ ހަރަކާތްތައް ހިމެނޭ ތަފާތު ހަވީރެއް ވަނީ އިންތިޒާމުކޮށްފައެވެ.

މި ހަރަކާތުގައި 5 ސްޓޯލެއް ބަހައްޓަން ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަކަތައާއި ބެހޭ ވުޒާރާގެ އެނަރޖީ ޑިޕާޓްމަންޓާއި ޔުޓިލިޓީ ރެޖުލޭޝަން އޮތޯރިތީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ އިތުރުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލްއެކެވެ. އެ ވުޒާރާއިން ބުނީ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލްއިން ތިމާވެއްޓާ ރައްޓެހި ފެހިކަން ގަދަ އަދި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ގަސް ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޤައުމީ ޔުނިވާރސިޓީއިން އޯޒޯން ފަށަލައާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ގަސްމުށި ހަދިޔާކުރުމާއި، ތިމާވެށީގެ އިޤުރާރުތައް ހިއްސާކުރާ ގަހާއި، އޯޒޯން ފަށަލައާ ގުޅޭ ކުޅިވަރުތަކުގެ އިތުރުން، އާންމުންނަށް ބައިވެރިވެވޭނެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ޔުޓިލިޓީ ރެޖުލޭޝަން އޮތޯރިޓީގެ ސްޓޯލްއިން ހަކަތަ ސަލާމަތްކުރުމަށް އިސްކަންދޭ ކަންކަން ދައްކުވައިދޭނެއެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ބޮކިތަކުން ހޭދަވާ ވޮޓޭޖާއި ހަކަތަ އަޅާކިޔައި ފައިދާހުރި ބޮކިތަކަށް ބަދަލުކުރުމުން ކުރެވޭނެ އިގްތިސާދު އަމަލީގޮތުން ދައްކައިދެވޭނެއެވެ. މީގެ އިތުރުން، ހަކަތައަށް ހޭލުންތެރިކުރުވުމަށްޓަކައި ބައިވެރިވެވޭފަދަ ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ. އަދި ހަކަތައާއި ވުޒާރާގެ އެނަރޖީ ސްޓޯލްއިން ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި، ހަކަތަ އިގްތިސާދުކުރުމާއި އަދި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ މަގްސަދުގައި އެކުލަވައިލެވިފައިވާ މި ކޮންސެޕްޓްގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، ސޯލާ ޕީވީގެ މޮޑެލްތައް ދައްކާލުމާއި "ހަކަތަރި" ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ހިމެނިފައިވެއެވެ.

މި ހަރަކާތުގައި، އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމުކަމާއި، މިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މައުލޫމާތުތަކެއް ދިނުމަށް ވަނީ ރާވާފައެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ފަރާތަކައް 12،000 ބީޓީޔޫގެ ހަކަތަރީގެ އޭސީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.