ޑްރަގްގެ ޚިދުމަތްދޭ ކެފޭތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރު ވަކިކޮށް ދެނެގަނެވިފައިވާ ޑްރަގްގެ ޚިދުމަތްދޭ ކެފޭތަކުގެ އަދަދަކީ ކޮބައިތޯއާއި މިހާރު ބަންދުކޮށްފައިވަނީ ކިތައްތަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ އެ މަސައްކަތް ފެށިފަހުން މާލޭގައި ކެފޭ އުސޫލުން ޑްރަގްގެ ޚިދުމަތް ދެމުން އައި 13 ތަނެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެތަންތަން ބަންދުކޮށްފައި ވަނީ އަލަށް ތައާރަފުކުރި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ދިވެހި ފުލުހުންނަށް ލިބިދޭ ޚާއްސަ ބާރުގެ ބޭނުންކޮށްގެން ކޯޓު އަމުރުގެ ދަށުންކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ތަންތަން ބަންދުކުރަމުން ދިޔަނަމަވެސް އެ ފަދަތަންތަން ބަންދުކޮށްފައި ފުލުހުން ދާތަނުން ދެތިން ދުވަސްތެރޭގައި އަނެއްކާވެސް އެތަން ކޮންމެސް އެހެންމީހަކު ހުޅުވައިގެން އަލުން އެ މަސައްކަތް ފަށާ ކަމަށެވެ. އަދި ގާނޫނުން މިހާރު ލިބިދީފައިވާ ބާރުގެ ދަށުން އެތަނެއް ދެން އެގޮތަށް ހުޅުވައިފިނަމަ އެމީހަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި އެ ފަދަ ޚިދުމަތްދެމުން އަންނަ ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައި ހުރި ތަންތަނުގެ މައުލޫމާތު އެ މިނިސްޓްރީން އާންމުކުރާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.
ޑްރަގްގެ މައްސަލައަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއްދީގެން ހައްލުކުރުމަށްޓަކައި ރާއްޖޭގައި ހިންގަމުން އަންނަ އެއްމައްސަލަ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޅި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ޑްރަގްގެ ނެޓްވާކްތައް، ޑްރަގް ޑިސްޓްރިބިއުޓް ކުރާ އަދި ޑްރަގް ޓްރެފިކްކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެން ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.