ޙަރާމް މަގަކުން މުދާ ހޯދުމުގެ ޙައްޤު އަހަރެމެންނަށް ނެތް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާގައި 'މުދަލަކީ މާތް ﷲގެ ޙައްޤެއް' މި މައުޟޫއަށް އަލިއަޅުވާލައި ބުނީ، މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ޙުތުބާގައި ބުނީ، އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމާއި، އެއީ އިމްތިޙާނެއްކަން މާތް اللهُ އަންގަވާފައިވާ ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ. ޙުތުބާގައި ވަނީ ހަލާލު މުދަލުގެ ތެރޭގައި ހިމެނޭ ކަންކަން ފަހަގަކޮށް، އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށްވެސް ބުނެފައެވެ.
ޙުތުބާގައި ބުނީ، ނަހަމަ ގޮތުގައި މުދާ ހޯދުމުގެ ތެރެއިން އަމާނާތަށް ޚިޔާނާތްތެރިވުމަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އެއް ފާފަކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން އަމާނާތެއްގެ ގޮތުގައި މާތް ﷲ ޙަވާލުކުރައްވައިފައިވާ މުދަލުގައި، އަދާކުރާންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ކަނޑައަޅުއްވައިފައިވާ ކަން ފާހަގަކޮށް ޙުތުބާގައި ބުނީ، އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭން ޖެހޭ ވާޖިބަކީ، އަމިއްލަ އަހުލުންނަށްކުރާ ހޭދަ ކަމަށެވެ. އެއީ ތިމާގެ އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުން ކަމަށާއި އެއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެކެއް ކަމަށް ޙުތުބާގައި ބުނެއެވެ.
ޙުތުބާގައި އިތުރަށް ބުނީ، މުދާ އިސްރާފުކުރުމާއި، އެ މުދާ ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް އަހަރެމެންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަތުމާއި، އެ ތަކެތީގެ ބޭނުންނުކޮށް ހުއްޓައި އޭގެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް، އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.