އީފާސް އަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޚާއްސަ މޮބައިލް ހެލްޕް ޑެސްކް ސެޝަންތަކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގައި ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު، މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ހަރަކާތެއް ކަމަށެވެ. އެގޮތުން މިއަދު ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކުގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މާދަމާ ސެންޓްރަލް ޕާކްގައިވެސް މި ހަރަކާތް އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެެވެ. މި ދެ ދުވަހުވެސް އެ ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ.

އެ ސެޝަންތަކަށް ދާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން އެ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދިޔުމުން ހެލްޕްޑެސްކް ޓީމުން އީފާސް ރަޖިސްޓްރީ ކުރުމާއި، ފޭސް ވެރިފިކޭޝަން ހެދުމުގެ އިތުރުން، އެކައުންޓާ ގުޅުންހުރި ސުވާލުތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން އީފާސްއާ ބެހޭ މަޢުލޫމާތު ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ހޯދުމަށް އީފާސް ބޭނުންކުރާނެ ގޮތް ދަސްކުރުމުގެ ފުރުސަތު ވެސް އާންމުންނަށް މި ސެޝަންތަކުން ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެެއެވެ.

މި ހެލްޕް ޑެސްކަށް ޒިޔާރަތްކޮށް އެހީތެރިކަން ހޯދުމުގެ ފުރުސަތު ވަނީ އާންމު ރައްޔިތުންނަށް ހުޅުވާލާފައެވެ.

ޑީމެޑް ޕްރޮޖެކްޓް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ހަރަކާތް ވަނީ 19 އޯގަސްޓް ގައި ކުޅުދުއްފުށި ސިޓީގައި އަދި 9 ސެޕްޓެމްބަރ ގައި ދ. ކުޑަހުވަދޫގައި ބާއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، "އީފާސް" އަކީ ރައްޔިތުންގެ ޑިޖިޓަލް އައިޑެންޓިޓީ ކަށަވަރުކުރުމަށާއި، އާންމު ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ފަސޭހަ އަދި ރައްކާތެރި މަގެއް ފަހިކޮށްދޭ "ޑިޖިޓަލް ރާއްޖޭގެ ތަޅުދަނޑި"އެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އިން ތަރައްޤީކޮށް ބަލަހައްޓަމުން އަންނަ މި ޕްލެޓްފޯމަކީ، އާންމު ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކާ ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.